ރާއްޖޭގައި ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޮތީ އަމަލުކުރަން ފަށާފަ އެވެ. އެ ގާނޫނުގެ ދަށުން ވޭޕް އެތެރެކުރުމާއި ބޭނުންކުރުމާއި އަދި ވިއްކުން މަނާވެފައިވާ އިރު އެފަދަ ކުށްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ދަނީ ގާނޫނީ ފިޔަވަޅު ވެސް އަޅަމުންނެވެ.

އެހެން ނަމަވެސް އަދިވެސް ފާޅުގައާއި ސިއްރުގައި ވޭޕް ވިއްކައި ދަނީ ބޭނުންކުރަމުން ނެވެ.

ފުލުހުންގެ ހިދުމަތުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ  ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކުރި ކަމަށެވެ.

އަދި އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނުނުއިރު އެއް ގޭގެ އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

“މީގެއިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައި. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.” ފުލުހުން އިތުރަށް ބުންޏެވެ.

އެ މައްސަލައިގައި ޝާމިލުވާ މީހުންގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އާ ގާނޫނުގެ ދަށުން ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ މައްޗަށް 50،00 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ. އޭގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ހާއްސަކޮށް ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ހިލޭ ދިނުމުގެ މައްސަލަތަކުގައި ކަނޑައެޅިފައިވާ އާންމު ޖޫރިމަނާގެ އިތުރުން 50،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ. މިއީ ކުޑަކުދިން ވޭޕުން ރައްކާތެރިކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅެކެވެ.

Leave a Reply