ވިޔަފާރީގެ އާ ފުރުސަތުތަކާއި އިންވެސްޓްމަންޓުތައް އިތުރުކުރަން ރާއްޖެ އާ މޯލްޓާ ދެމެދު މަޝްވަރާކޮށްފި އެވެ.

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މޯލްޓާއަށް ވަޑައިގެންފައި ވަނީ ހޯމަ ދުވަހު އެވެ. ހަލީލުގެ ދަތުރުގައި މޯލްޓާ ސަރުކާރުގެ މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ދެ ގައުމުން ވިޔަފާރީގެ އާ ފުރުސަތުތަކާއި އިންވެސްޓްމަންޓުތައް އިތުރުކުރަން މަޝްވަރާކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު ހަލީލް އާއި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގް އިއްޔެ ބޭއްވެވި ބައްދަލުވުމުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުވުމުގައި ރާއްޖެ އާއި މޯލްޓާއަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި މިނިސްޓަރުގެ ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ދެ މިނިސްޓަރުން ވެސް ފާހަގަކުރެއްވި ކަމަށެވެ.

ފޮރިން މިނިސްޓަރު، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވަނީ / ފޮޓޯ:ފޮރިން މިނިސްޓްރީ

ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ރާއްޖެ އާއި މޯލްޓާ އާ ހާއްސަކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުސަތުތަކާ އަދި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން މަސައްކަތްކުރުމަށް ހަލީލާއި އިއަން އެއްބަސްވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ފަތުރުވެރިކަމާއި މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެ މިނިސްޓަރުން އަލިއަޅުއްވާލެއްވި ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރި އެވެ.

މޯލްޓާގެ ދަތުރުގައި މިނިސްޓަރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބް ބައިވެރިވެވަޑައިގަންނަވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *