ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެންބާޝިޕްގައި ބައިވެރިވުމުގެ ލުއި ފުރުސަތު ތަކެއް ފަހިކޮށްދީފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަހިކޮށްދޭ ފުރުސަތެކެވެ.

ރާއްޖޭގެ ޓޫރިޒަމް ބޯޑުން ބުނީ، 2026 ވަނަ އަހަރު ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރި ވެވޭނެ ފަދަ އަގުހެޔޮ މެންބާޝިޕް ފުރުސަތުތަކެއް ތައާރަފްކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ މާކެޓިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ބޮޑެތި އަދި ކުދި ވިޔަފާރިތަކަށް ވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެވޭކަން ޔަގީންކުރެވޭ ކަމަށެވެ.

މެންބާޝިޕް ފީގެ އިތުރުން ރޯޑްޝޯތަކާއި ފަތުރުވެރި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މިގޮތުން ޑިޖިޓަލް ޝޯކޭސް، ރެޕްރެޒެންޓޭޓް ކޮށްދިނުމާއި، ވިޔަފާރިތައް ފުޅާކޮށް މާކެޓުކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރިތައް ބައިނަލްއަގުވާމީ މާކެޓުގައި ފުޅާކުރުމުގެ ފުރުސަތު ފަހިކޮށް ދެވޭނެއެވެ.
އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރުކުރުމަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަ ކޮންޓެންޓު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

“ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުން ހޯދައިދީ ސިންދަފާތުކުރުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނަ އަހަރަށް އަމާޒުކޮށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއެކު، އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ގެސްޓުހައުސް، ލިވްއެބޯޑް އަދި ޓްރެވަލް އެޖެންސީތައް ގިނަ ބައެއްގެ މެދުގައި އިޝްތިހާރުކުރެވި، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރަށް ބައިވެރިކުރެވޭނެ” ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

މިި ފުރުސަތުތަކާ އެކު ސަރުކާރުގެ “މޯލްޑިވްސް 2.0″ގެ އަމާޒާ އެއްގޮތަށް މި ކޯޕަރޭޝަނުގެ މަސައްކަތްތައް އެކަށައެޅި، ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

Leave a Reply