
ވާސްތަކެއްގައި ޑުރަގު އެެތެރެކުރި ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހުކުމް އިއްވީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގު(65އ)ގެ މައްޗަށެވެ.
ނިމިގެން ދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ސޯދިގުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވާ ގޮތުން 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ލަންކާއިން އައި ފްލައިޓެއްގައި ވާސްތަކެއްގައި ފޮރުވައިގެން ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައެވެ.
އެގޮތުން އޭނާ ފޮރުވައިގެން ގެނައި ޕެކޭޖުތަކުގައި 273 ގްރާމްގެ ޑައިމޯފިން ހުރިކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.
އެ މައްސަލައިގައި ސޯދިގުއާ ސުވާލުކުުރުމުން އެނގި ހުރެ މަސްތުވާތަކެތި އެތެރެކުރިކަމަށް ދެކޮޅު ހެދިކަމަށާއި އަދި އެކި ފަހަރު އެއީ އެކި މީހުން ދިން އެއްޗެތިކަމަށް ވެސް އޭނާ ބުނި ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
އެކަމަކު ކޯޓުން އިއްވި ހުކުމުގައި ވަނީ އެނގި ހުރެ މަސްތުވާތަކެތި އެތެރެކުރިކަން ސޯދިގުގެ މައްޗަށް ސާބިތުވާކަން ކަނޑައަޅައި އޭނާ 100،000 ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. ނަމަވެސް ޖަލުގައި ކުރިން ހުރި މުއްދަތު ކެނޑުމުން ސޯދިގު ޖަލުގައި ހޭދަކުރަން ޖެހޭނީ 23 އަހަރާއި ހަތް މަހާއި 14 ދުވަހެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































