
ކ. މާފުށީ ފިހާރައަކުން ވައްކަންކުރި މީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް)އިން އިލްތިމާސްކޮށްފި އެވެ.
މާފުށީގައި 17 ބޮޑު ދަޅު ކޮފީ ވަގަށް ނެގި މީހާގެ ގަޔަށް ކުލަފާޓާއެއް ވެސް އަޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.
އެ މައްސަލައިގައި އެޗްއާރުސީއެމްއިން މިއަދު ބުނީ ވީޑިއޯއިން ފެންނަނީ ނާތަހުޒީބު ލާއިންސާނީ އަމަލެއް ކަމަށެވެ.
އެހެންވެ އެ މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރުމަށާއި، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަންވެސް ނުކޮށް އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
“މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދެމެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.” އެޗްއާރުސީއެމްއިން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެ އެވެ.
އެޗްއާރުސީއެމްއިން ވަނީ އެފަދަ މައްސަލަތަކުގައި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްވެސްކޮށްފަ އެވެ.
އަދި އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަނެ ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށް ވެސް ގޮވާލި އެވެ.