
ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެހާހަށް ވުރެ ގިނަ ވޭޕް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްްއިން މިރޭ ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއާ ކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށާއި އެގޮތުން 2008 ވޭޕް އަތުލައިގަތް ކަމަށެވެ.
“މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން”ކަސްޓަމްސްއިން އިތުރަށް ބުންޏެވެ.
މެލޭޝިއާއިން އިއްޔެ ރާއްޖެ އައި ތިން ޕަސެންޖަރެއްގެ ލަޖެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައިވާ ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިން ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭހެން 2،062 އައިޓަމްވެސް ކަސްޓަމްްސްއިން ވަނީ އަތުލައިގެންފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުުރުމުގެ އާ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ އިސްލާހާ ގުޅިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.