
ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ހާއްސަ ފެރީއެއްގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.
ރައީސް މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ހާއްސަ ފެރީއެއް ހަމަޖައްސައިދެއްވަން އޮތީ ވައުދުވެވަޑައިގެންފައެެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ރައީސްގެ ވައުދުފުޅު ފުއްދެވުމުގެ ގޮތުން ކޮންމެ ހޮނިހިރެއްގައި ވައިކަރަދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހަމަޖައްސައި އެ ފަރާތާއި އެ މަސައްކަތް މިއަދު ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ހާއްސަ ފެރީގެ ނިޒާމު ގާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިއީ އެ ރަށުގެ އިގްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި، މާރުކޭޓުތަކާ ގުޅުވައިދިނުމަށް، އިތުރުގޮތްތައް ހޯދައިދިނުމަށް، މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































