ފާއިތުވި ހަފުތާގެ ތެރޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފޭރިފައިވާ ފައިސާގެ ތެރެއިން އެއް ލައްކައަށްވުރެ ގިނަ ރުފިޔާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އަނބުރާ ހޯދައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މާރިޗު މަހުގެ 22 އިން 28 އަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަތަކުގައި ޖުމުލަ 116،212 ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 114،456 ރުފިޔާ ފުލުހުން ވަނީ ކާމިޔާބުކަމާ އެކު ހޯދާފައެވެ.

މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކެވެ. އެގޮތުން، އެފަދަ 8 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އޮންލައިން ވިޔަފާރީގެ 6 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 5 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެއެވެ.

މަކަރާއި ހީލަތް ހެދުމަށް ކުށްވެރިން އާންމުކޮށް ބޭނުންކޮށްފައި ވަނީ ފޯނު ކޯލާއި މެސެޖުކުރާ އެޕްލިކޭޝަންތަކާއި އައިބޭ އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ އޮންލައިން މަންސަތަކެވެ. މީގެ އިތުރުން ތަފާތު ލިންކުތައް ފޮނުވައިގެން ވެސް ފައިސާ ފޭރިފައިވެއެވެ.

އަމިއްލަ ޒާތީ މައުލޫމާތު އެހެން މީހުންނާ ހިއްސާނުކުރުމާއި، އެޕްލިކޭޝަންތަކުގައި ‘ޓޫ ފެކްޓަރ އޮތެންޓިކޭޝަން’ ބޭނުންކުރުމަކީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ. ފުލުހުން ބުނާ ގޮތުގައި ސްކޭމްތައް ހިންގާ ފަރާތްތަކަށް އެކަން ކާމިޔާބުވަނީ މައްސަލަ ރިޕޯޓުނުކޮށް ހަނުތިބުމުގެ ސަބަބުންނެވެ. އަވަހަށް މައްސަލަ ހުށަހެޅުމަކީ ފައިސާ އަނބުރާ ލިބުމަށް އޮންނަ އެންމެ ބޮޑު ފުރުސަތެވެ.

މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް 911 އަށް ނުވަތަ 125 އަށް ގުޅައިގެން ނުވަތަ ފުލުހުންނަށް އީމެއިލް މެދުވެރިކޮށް މައްސަލަ ރިޕޯޓުކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

Leave a Reply