
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 1.6 ބިލިއަންއަށް އަރާކަމަށް އެ ކޮމިޝަންއިން ބުނެފިއެވެ.
2008ވަނަ އަހަރު ތަސްދީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޭސީސީ އުފެއްދީ 2009ވަނަ އަހަރުއެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލު ވިދާޅުވީ 2009ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް، އޭސީސީގެ ތަހުގީގުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާއަށްވުރެ ގިނައިން އަނބުރާ ހޯދަންޖެހޭކަމަށް އަންގައިފައިވާ ކަމަށެވެ.
އަދި ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާ ނަމަ، އަހަރަކަށް 94,568,084.04 ރުފިޔާ އަދި މަހަކަށް 7,880,673.67 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ހަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާކަށް މި ތަފާސްހިސާބުން ހާމަވާކަމަށް ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.
އޭސީސީގެ ރައީސް އިތުރަށް ވިދާޅުވީ 2009ވަނަ އަހަރުން ފެށިގެން 2025ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ހަމަޖައްސަވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، މިއީ 17 އަހަރަށް ބަހާލުމުން އަހަރަކަށް 33,183,012.22 ރުފިޔާ އަދި މަހަކަށް 2,765,251.02 ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































