ބ. އޭދަފުށީގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ދުވަސްވީ މީހާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

އަސާގަނޑެއްގެ އެހީގައި ހިނގާ ބިނގާވެ އުޅުނު އުމުރުން 83އަހަރުގެ އަބޫބަކުރު އަބްދުﷲ، އެކްސިޑެންޓްވެ އަނިޔާވީ މި މަހުގެ 15ދުވަހުގެ ރޭ ނަމާދަށް ފަހު ގެއަށް އަންނަނިކޮށް ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް އޭނާގެ ގައިގައި ޖެހިގެން ނެވެ.

އެ ހާދިސާގައި އޭނާ ފަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުުނުއިރު ފަހުން އޭނާއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

“ދެން” އަށް އެނގިފައިވާ ގޮތުން ބަކުރު މަރުވީ މިއަދު ހެނދުނު އެވެ.

ފޭސްބުކުގައި ހިންގާ”ކަށު ނަމާދު” ޕޭޖުގައި ބުނެފައިވާ ގޮތުން އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އެވެ.

ބަކުރުގެ އެކްސިޑެންޓްއާ ގުޅިގެން ޕިކަޕު ދުއްވި އޭދަފުށީ ދުނި، އަބްދުﷲ ރަމީޒު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

Leave a Reply