ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން ހަސަންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހުސެއިން ހައްޔަރުކުރީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓްއިން މާލެ ތެރޭގައި ހިންގި އޮޕަރޭޝަންއެއްގައި ހައްޔަރުކުރި މީހަކު ފޮޓޯ ނެގުމުން އެ ފޮޓޯ ޑިލީޓްކޮށްލަން ތަކުރާރުކޮށް އެންގުމުން ވެސް އެކަމާ ދެކޮޅު ހެދުމުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ކުށުގަ އެވެ.

އަދި އެ މައްސަލަ  ފުލުހުން ބަލައި އޭނާގެ މައްޗަށް ދައުވާކުރަން ވެސް ފޮނުވި އެވެ.

ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލު “ދެން” އަށް ވިދާޅުވީ އެ މައްސަލައިގައި ހުސެއިންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

ދައުވާ ނުކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ފީޖީ އޮފިޝަލު ވިދާޅުވީ މި ވަގުތު އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ކުރިން ރާއްޖެ ޓީވީގައި ވެސް ނޫސްވެރިއެއަގެ ގޮތުގައި މަސައްކަތް ކުރެއްވި ހުސެއިން ދަނީ އެމްޑީޕީގެ މީޑިއާ ކޮމިޓީގެ މުގައްރިރުގެ މަގާމުވެސް ފުރުއްވަމުން ނެވެ.

Leave a Reply