އެމްޑީޕީގެ ކެނޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ އެ ޕާޓީގެ ވިލިނގިލީ ދާއިރާގެ ރައީސް އަމީޒް ހަސަން އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީގެ ކެންޑިޑޭޓުންނާއި ދެކޮޅަށް އަމީޒް އެދާއިރާގައި މަސައްކަތް ކުރާކަމުގެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ އާއިމެދު ވަކިގޮތެއް ނިމެންދެން އަމީޒް ޕާޓީގެ މަގާމުގެ މަސްޢޫލިއްޔަތްތަކުންނާއި، ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރަން މިއަދު ބޭއްވުނު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް އެމްޑީޕީން ނުދެއެވެ.

އަންނަ ހޮނިހިރު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވާއިރު އެމްޑީޕީ އަދި ވެރިކަން ކުރާ ޕީއެންސީން ވެސް ދަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުންނެވެ.

އިންތިހާބުގެ ކުރިން ވެސް ޕީއެންސީއަށް ވަނީ 70ގޮނޑި ނަގައިފައެވެ. އެއީ އެ ދާއިރާތަކުން ކުރިމަތިލީ ހަމައެކަނި ޕީއެންސީގެ ކެނޑިޑޭޓުންނަށް ކަމަށްވާތީއާއި ބައެއް ދާއިރާތަކުން ކުރިމަތިލި އެހެން ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމުންނެވެ.

Leave a Reply