މިއަދު ހަވީރު، ޢާންމުންނަށް ހުޅުވާލައިގެން، ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ވަނީ ސަންގު ފުމެފައެވެ. އެއަށްފަހު ރައީސް މުއިއްޒުގެ އާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކުރައްވާފައިވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.

އެއަށްފަހު ޢިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، ޢީދު ހަވީރަށް ތައްޔާރުކޮށްފައިވާ  ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި،  އެމަނިކުފާނު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސް މުއިއްޒު ހާއްސަ  އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ.

އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިހުތިފާލުކުރުމުގެ ސަބަބުން ހާއްސަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސް ދެކެވަޑައިގެންނަވަ އެވެ.