އެއް ކޮޓަރީގެ ފްލެޓްތައް އޮންނަ މީހުންނަށް ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އެއް ކޮޓަރީގެ ފްލެޓުތައް ދޫކޮށްލުމަށް ފަހު އެހެން ބޯހިޔާވަހިކަމުގެ ސްކީމަކަށް ކުރިމަތިލުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާކަން ހާމަކޮށް އެކަމަށް ރަނގަޅު ގޮތެއް ހޯއްދަވައިދެއްވާނެކަމަށް މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އޮތީ ވިދާޅުވެފަ އެވެ.

މިރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު އަނެއްކާވެސް އެ މައުލޫ ނަންގަވައި ވިދާޅުވީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އުސޫލަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.

“މިހާރު މި ހުޅުވާލާ ސްކީމުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައި ވާނީ. ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުން އެ އޮންނަ އުސޫލުން އެތަން  ދޫކޮށްލާފައި މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް ދާ ގޮތަށް.”ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ އުސޫލުގެ ދަށުން ކުރީ ޒަމާނެއްގައި އެއްކޮޓަރީގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ ކަމަށާއި އަދި ކުރިމަތިލައި ހޮވުމުން ކުރީގެ ތަން ދޫކޮށްލުމަށް ފަހު އާ ފްލެޓަށް ވަދެވޭނެ ކަމަށެވެ.

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ ރަސްމާލެ މަޝްރޫއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްގެން ރަސްމާލޭގެ ގޮތުގައި ތަރައްގީކުރަން ފުށިދިއްގަރުފަރު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ތިން ގުނަ ހަލުވި ވެސް ކޮށްފައެވެ.

ރައީސް ކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗު ހިސާބުގައި ރަސްމާލެ ހިއްކައި ނިމޭނެއެވެ.

އަދި އެ ތަނުން ޖުމްލަ 25،000 ގޯތި ދޭނެ ކަމަށާއި އަދި މި ދައުރުގެ ތެރޭގައި އެ ތަނުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ވެސް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ކުރިން ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ އެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.

Leave a Reply