ބޭންކް އޮފް މޯލްޑިވްސް (ވީއައިއޭ)ގެ ޑޮލަރު ބްރީފްކޭހެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޭރުނު މައްސަލައިގައި 8މީހަކަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ އޮކްޓޯބަރު 27ވަނަ ދުވަހު ވީއައިއޭގެ ޓާމިނަލް 1ގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިހުރި ސޫޓްކޭހެއް، ވަޅުން ބިރުދެއްކުމަށްފަހު ފޭރުނު މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލްގެ މައްޗަށް އުފުލާފައި ވަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މި މައްސަލައިގައި 6މީހެއްގެ މައްޗަށް ފޭރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދާއި، އެގޭ އިބްރާހިމް އަނޫފްގެ އިތުރުން ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް އަހުމަދު ރައިހާން ނައިމްއަދި ރ. މަޑުއްވަރީ، މީޒާން، އިސްމާއިލް ސިރްހާންގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ ވީއައިއޭގެ އާ ޓަމިނަލްގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ބްރީފްކޭސްގައި 4900ޔޫރޯ އާއި 1735ޕައުންޑާއި 2610ސިންގަޕޫރު ޑޮލަރާއި 1345 އޮސްޓްރޭލިއަން ޑޮލަރާއި 510ސްވިސް ފްރޭންކާއި 1515ކެނެޑިއަން ޑޮލަރުގެ އިތުރުން 334،000ޖަޕަނީސް ޔެން އާއި 10،420ހޮންގްކޮންގް ޑޮލަރާއި، 106،120ޔޫއެސް ޑޮލަރުވެސް ހުރި ކަމަށެވެ.

އަދި އެ ބްރީފްކޭސްގައި 23،778ދިވެހި ރުފިޔާގެ އިތުރުން 25،000އިންޑިއަން ރުޕީސް އާއި 600ޗައިނީސް ޔުއާން ވެސް ހުއްޓެވެ.

ޕީޖީ އޮފީހުން ބުނީ ދައުވާ ކޮށްފައިވާ އެންމެންވެސް އެކި ގޮތްގޮތުން މި ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އެހެންކަމުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

Leave a Reply