އުރީދޫން އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާ “ފަން ރަން 2025” ގައި ބައިވެރިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އާރުޓީއެލް ބަހާއި ފެރީގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ.

އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދުވުމުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

އައްޑޫގެ މަރަދޫ ހާބަރު ސަރަހައްދުގައި މާދަމާ ކުރިއަށްދާ ދުވުމުގެ ބައިވެރިންނަށް ހާއްސަކޮށްގެން ބާއްވާ ބަހާއި ފެރީ ދަތުރުތަކުގެ ރޫޓުތައް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އާރުޓީއެލް ބަސް – ލިންކް ރޯޑް (ޑިޕާޗާ)

  • މިލާނޯ ރެސްޓޯރެންޓް – މެންދުރުފަހު 2:30
  • އެފެސް ކޭކް – މެންދުރުފަހު 2:45
  • ސިޓީ ސްކޮޔާ: މެންދުރުފަހު 2:50

އާރުޓީއެލް ބަސް – ހިތަދޫ ބޮނޑަ މަގަ (ޑިޕާޗާ)

  • ހޯމްވެއާ – މެންދުރުފަހު 2:30
  • އެސްއެލްބީ ފެބްރިކްސް – މެންދުރުފަހު 2:45
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) – މެންދުރުފަހު 2:50

އާރުޓީއެލް ބަސް – ފޭދޫ / މަރަދޫ-ފޭދޫ (ޑިޕާޗާ)

  • އެމްޓީސީސީ ޓާމިނަލް – މެންދުރުފަހު 2:45
  • މެގްނެޓާ ކަންމަތި – މެންދުރުފަހު 2:50
  • މަރަދޫ-ފޭދޫ ބަނދަރު – މެންދުރުފަހު 3:05

ފަން ރަންގައި ބައިވެރިވުމަށް ހުޅުމީދޫން މަރަދޫއަށް ދާން ބޭނުންވާ ފަރާތްތަކަށް ބާއްވާ އާރުޓީއެލް ފެރީ އޮންނާނީ މާދަމާ މެންދުރުފަހު 2:15 ގަ އެވެ. މަރަދޫން ހުޅުމީދޫއަށް ފެރީ ދަތުރުކުރާނީ ރޭގަނޑު 7 ޖަހާއިރު އެވެ.

މި ހަރަކާތަކީ ހަ އަހަރުން މަތީގެ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެ، ހިތްގައިމުކަމާ އެކު ގުޅުން ބަދަހިކުރެވޭނެ ރަންއެކެވެ. އައްޑޫ ސިޓީގެ މަގުތަކަށް ކުލަ އާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދަކަށް މި ދުވުން ވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ފަން ރަންއަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފާވެރި ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އެ ކުންފުނިން ބުނީ ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކާ އަދި އިންފްލެޓޭބަލް ސްޓޭޝަންތަކާ އެކު ކުރިއަށްދާ މި ދުވުމަކީ އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެ ފަދަ ދުވުމެއް ކަމަށެވެ.

އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެގޮތުން:

  • އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ
  • މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ

Leave a Reply