އުރީދޫ ނޭޝަންއިން މުޅިން އަލަށް ރާއްޖޭގައި ބާއްވާ “އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމުތައް ރަޖިސްޓަރީ ކޮށްގެން ކުރިއަށް ގެންދާ ޕަބްޖީ މުބާރާތެކެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

އުރީދޫ ނޭޝަންގެ ވެބްސައިޓު މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު ސްޓޭޖަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެކެވެ. އެ ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.

ޕްރައިޒް ޕޫލް

މި މުބާރާތަށް މުޅި ޖުމްލަ ބައިލައްކަ ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅާފަ އެވެ. ޕްރައިޒް ޕޫލް ބަހާލާފައި ވަނީ:

  • ޗެމްޕިއަން: 25،000 ރުފިޔާ
  • ދެ ވަނަ: 12،000 ރުފިޔާ
  • ތިން ވަނަ: 6،000 ރުފިޔާ
  • ހަތަރު ވަނަ: 3،000 ރުފިޔާ
  • އެމްވީޕީ: 4،000 ރުފިޔާ
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގައި ވެބްސައިޓުން ނުވަތަ ޕޯސްޓަރުގައިވާ ކިއުއާރު ކޯޑު ސްކޭންކޮށްގެން ބައިވެރިވެވޭނެ

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ވެސް މަދުވެގެން ހަ ކުޅުންތެރިން ތިބެން ޖެހެ އެވެ. އެއް ރަށަކުން އެއް ޓީމަށް ވުރެ ގިނަ ޓީމު ވާދަކުރާ ނަމަ، ޓީމުގެ ނަމުގައި ރަށުގެ ނަން ހިމަނަން ޖެހެ އެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ލިބޭނެ އެވެ.

އުރީދޫން ބުނި ގޮތުގައި މި މުބާރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކުރެވޭނެ ކަމުގަ އެވެ. އަދި މިއީ ޒުވާނުންނާއި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމުގައި ފާހަގަކުރި އެވެ.

މި މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމުތައް ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

Leave a Reply