
ހުޅުމާލެ އަޒީޒާ މިސްކިތުގައި އީދު ނަމާދު ކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން މިއަދު މިސްކިތަށް ހާޒިރުވެފައި ނުވާތީ އެ ދެ އިމާމުންނަށް ފިޔަވަޅު އެޅުމަށް އަންގައިފި އެވެ.
މިދިޔަ އަހަރުން ފެށިގެން މިސްކިތްތަކުގައްޔާއި މައިދާންތަކުގައި އީދު ނަމާދު ކުރަން ފަށަނީ ހެނދުނު 7:00 ގަ އެވެ. އެހެންނަމަވެސް އެ ގަޑިއަށް އަޒީޒާ މިސްކިތުގައި ނަމާދު ކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން ހާޒިރުވެފައެއް ނުވެ އެވެ. ދެ އިމާމުން މިސްކިތަށް ނައުމުން އެ މިސްކިތުގައި އީދު ނަމާދު ފަށާފައި ވަނީ 7:15 ހާއިރު ކަމަށްވެ އެވެ.
އެކަމާ ގުޅޭގޮތުން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަޒީޒާ މިސްކިތުގައި އީދު ނަމާދު ކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން މިއަދު މިސްކިތަށް ހާޒިރުވެފައި ނުވާ ކަަމަށެވެ.
“…އުސޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ،” ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަޖައްސާފައި ވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމު ކަމަށާއި އިސްލާމިކް މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރުނުވާތީވެ، އެ މައްސަލަ ވެސް ވަކިން ބަލާނެ ކަަމުގަ އެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.