
އީކުއޭޓާ ވިލެޖުން ހަވާލުނުކޮށްގެން އުޅޭ ބިމަކާ ހެދި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތެރެއިން ހިންގާ މަގުހެދުމުގެ މަޝްރޫއު މަޑުޖެހިފައިވާތީ އެ ބިން ހޯދަން ކޯޓަށް ދާން އެ އެއާޕޯޓުން ނިންމައިފި އެވެ.
އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިން ހަވާލުނުކުރީ އެތަނުގައި އެ ހޮޓަލުގެ ސްޓާފުންގެ ؛ލޭބާ ކުއާޓާސްއާ އެހެނިހެން މުހިންމު ތަންތަނާއި އެ ހޮޓަލުގެ އޮޕަރޭޝަންސްގެ ތަންތަން ހުރުމުން ކަމަށެވެ.
އެ ބަޔަނާ ގުޅިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް މިއަދު ވަނީ ރައްދުގައި ބަޔާނެއް ނެރެފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް(ޖީއައިއޭ)އިން ނެރުނު ބަޔާނުގައި ބުނީ އީކުއޭޓާއިން ލޭބާ ކުއާޓާސްއާ ތަންތަން ހިންގާ އިމާރާތާއި ސަރަހައްދަކީ ޖީއައިއޭގެ ހަރު މުދާ ކަމަށެވެ. އެހެން ނަމަވެސް ޖީއައިއޭއަށް ވެސް ނޭނގި އެ މުދާ އެހެން ބަޔަކަށް ބަދަލުކުރީ ހަމަޖެހިފައިވާ އުސޫލުން ބޭރުން 2013 ވަނަ އަހަރު ކަމަށް އެ އެއާޕޯޓްއިން ބުންޏެވެ.
“މިކަމުގައި ގާނޫނީ ލަފާ ހޯދުމަށްފަހު ޝަރީއަތް މެދުވެރިކޮށް މި ބިމުގެ މައްސަލަ ހައްލުކުރުމާމެދު ގޮތެއް ނިންމަން ފެނޭތޯ ބެލުމަށް މި ކުންފުނީގެ ބޯޑަށް ހުށަހެޅުމަށް މެނޭޖްމަންޓްއިން ވަނީ ނިންމައިފަ އެވެ”ޖީއައިއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އީކުއޭޓާ ވިލެޖުން ބިން ހަވާލުނުކުރާތީ ފާއިތުވި ދެ އަހަރުވެސް މަގު ހެދުމަށް ބޭނުންކުރާ ސަރަހައްދު ހުސްކުރެވިފައި ނުވާތީ އެ ސަރަހައްދުގެ މަހު ހެދުން އޮތީ ކުރިއަށް ނުގޮހެވެ.
ޖީއައިއޭއިން ބުނީ އެގޮތަށް މަސައްކަތް ކުރިއަށް ނުދާނަމަ
- އެ މަޝްރޫއުގައި ޑިޒައިންކޮށް ތަަރައްގީކުރަމުންދާ ނަރުދަމާއާއި ފެނުގެ ނިޒާމް އަދި މަގު ބައްތިތަކަށް ބޭނުންވާ ކަރަަންޓް ކޭބަލްތައް އެޅުމުގެ މަސައްކަތް ވެސް ހުރަސް އެޅޭނެ
- އަދި އެކަންކަން ފުރިހަމަ ނުކުރެވިއްޖެނަމަ އެ މަޝްރޫއުގައި ތަރައްގީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެެވޭނެ
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުލް މުއްތިލިބު ވިދާޅުވީ އީކުއޭޓާ ވިލެޖުން ބިން ހުސްުކުރުމުގެ މައްސަލަ ކޮޅެއްގައި ނުޖެހިއްޖެނަމަ އެ މަޝްރޫއަށް ބަދަލު ގެނެސް އެ ސަރަހައްދުގައި މަގު ހެދުމުގައި ބައި މަޝްރޫއުއިން އުނިކުރަން ޖީއައިއޭ އަންގައިފައިވާ ކަމަށެވެ.