ރާއްޖޭގެ ރިސޯޓްތަކުގައި ރާވިއްކުމަކީ އެކަން ފަތުރަން އޮތް ސަބަބެއް ނޫންކަމަށް އައްޝެއިޚް ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޑރ. މުޙައްމަދު އިޔާޒު މިހެން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު، ކ. މާފުށީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ، ވާހަކަފުޅަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. މިވަގުތު ރިސޯޓުތަކުގައި ލިބެން ހުންނަ ޚިދުމަތްތައް ރަށްރަށުގައި ފަތުރުވެރިންނަށް ލިބެން ނެތުމަކީ ބޭއިންސާފެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައިވެއެވެ.

ޝެއިޚް ޑރ. މުޙައްމަދު އިޔާޒު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމަ ކަމަށާއި ބަނގުރާ ބޯމީހާ، ބޯންދޭމީހާ، ވިއްކާމީހާ، ގަންނަމީހާ، ފެލައިދޭމީހާ، ފިލައިދެވޭމީހާ، އުފުއްލާމީހާ، އަދި އުފުއްލައިދެވޭމީހާ އަކީ މާތްﷲގެ ލަޢްނަތް ލިބިގެންވާ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ފާފައިގައި ވެސް ހަމަހަމަ ބައެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

24 ގަޑިއިރު ހަމައިގައި ނުހުންނެވިނަމަވެސް، ކުރީގެ ރައީސެއްގެ ޙައިސިޔަތުން ރައްޔިތުންގެ ޓެކްސް ފައިސާ އިން އިނާޔަތް ނަންގަވާ ބޭފުޅަކު މި މުންކަރާތް ފުޅާކުރަން ގޮވައިލެއްވި ގޮވައިލެއްވުން ކުއްވެރިކުރަން. އަދި އޭނާއާ މެދު ސަމާލުވުމަށް ރައްޔިތުންނަށް ނަޞޭޙަތްތެރިވަން. އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާޒު ވިދާޅުވީ، ޒަމާނުއްސުރެ ރިސޯރޓްތަކުގައި ބަނގުރާ ވިއްކުން އެއީ އެ ހުއްދަވުމުގެ ޙުއްޖަތެއް ނޫން ކަމަށާއި އެ މުންކަރާތް ފުޅާކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި އެކަން ފެށުމަށް އޮތް ސަބަބެއް ވެސް ނޫން ކަމަށެވެ.

Leave a Reply