
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ރޭޓިން ރަނގަޅުކުރުމަކީ މި ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ހާމަވެގެންދާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވި އެވެ.
ރާއްޖޭގެ ހަރުދަނާ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ވަމުންދާކަން ފާހަގަކޮށް މޫޑީސްއިން މިއަދު ވަނީ ރާއްޖެ ކުރިން އޮތް “ނެގެޓިވް” އައުޓްލުކް “ސްޓޭބަލް”އަށް ބަދަލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މިއަދު އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ޒައާމަތުގައި ބޭރުގެ ލިކުއިޑިޓީ ރަނގަޅުކޮށް ޑޮލަރުން ލިބޭ އާމްދަނީ މަތިކޮށް ސޮވާރިން ޑިވޮލޮޕްމަންޓް ފަންޑުވެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.
Moody’s has affirmed the #Maldives’ Caa2 rating and upgraded the outlook from Negative to Stable, reflecting the positive impact of the Government’s reforms.
Under the leadership of President Dr @MMuizzu, we improved external liquidity, increased dollar revenues, strengthened…
— Moosa Zameer (@MoosaZameer) November 27, 2025
ހަމަ އެހެންމެ ބަޖެޓު ވެސް ވަރަށް ރަނގަޅަށް ހަރުދަނާކަމާއެކު މެނޭޖުކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާއެކު ރާއްޖޭގެ އިގުތިސާދަށް އޮންނަ އިތުބާރު ބޮޑުވެ ބޭރުން އަންނަ ޕްރެޝަރުތަކަށް ވެސް މަޑުޖެހުމެއް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒުހުރީ ފިސްކަލް ހާލަތު އިތުރަށް ވަރުގަދަކޮށް ހަރުދަނާ ސިޔާސަތެއްގެ ދަށުން ދަރަނި މެނޭޖުކޮށް ދެމެހެއްޓެވި ތަރައްގީއައިގެން ގައުމު ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މޫޑީޒްއިން ރޭޓިން ރަނގަޅުކުރި ނަމަވެސް އެ އޭޖެންސީން ބުނި ގޮތުގައި ރާއްޖެއިން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އެހެނިހެން ދަރަނިތަކުގެ ގޮންޖެހުންތައް ރާއްޖެއަށް އެބައޮތް ކަމަށެވެ. އެކަމަކު ރިޒާވް އަދި އެސްޑީއެފް ރަނގަޅުވުމުގެ ސަބަބުން، އެ ދަރަނިތައް ދެއްކުމަށް ފަސޭހަވެގެން ދާނެކަމަށް މޫޑީސްއިން ފާހަގަކުރެއެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































