އިސްރާއީލުން ޣައްޒާގެ ސްކޫލަކަށް ހަމަލާދީ ކުޑަކުދިން މަރާލި ހާދިސާއާއި ބޭސްފަރުވާއަށް ބެނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ޣައްޒާގެ ދާރުލް އަރުގަމް ސްކޫލަށް އިސްރާއީލު ސިފައިން ބޮން އަޅާއި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރައި އެތަކެއް ބަޔަކު ޒަހަމްކޮށްލީ އިއްޔެ އެވެ. އަދި އޭގެ އިތުރުން ސައުދީ ސެންޓަ ފޯ ކަލްޗާ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ވެސް އިސްރާއިލުން ހަމަ އިއްޔެ ހަމަލާދިނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި އިސްރާއިލުން ދިން ހަމަލާތައް ކުށްވެރިކޮށް ބުނީ އެފަދަ  ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމާބެހޭ ގާނޫނާ ވެސް ހިލާފު އަމަލުތަކެއް ކަމަށެވެ.

“އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، މި އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވައި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.” ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާޢީދު ތަކުރާރުކޮށް ފޮރިން މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ފަލަސްތީނުގެ މައްސަލައަށް ދެމެހެއްޓެނިވި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *