
މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަންދޭން ހުރިހާ މީޑިއާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
އެޗްއާރުސީއެމުން އެހެން އިލްތިމާސްކޮށްފައި ވަނީ ރާއްޖެ ޓީީވީން ގެނެސްދިން “ކާލާބައިސާ” ޕްރޮގްރާމެއްގައި ސިޔާސީ ކަންކަމާ ގުޅުވައި އޯޓިސްޓިކް އަދި ޑައުންސިންޑްރޮމް ކުދިންނަށް މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަ ދެއްކި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެ ވާހަކަ ދައްކާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަދި ކުރީގެ ކާނަލް އަހްމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އެވެ.
އެޗްއާރުސީއެމުން ރޭ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން އެ ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
“މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވެ އެވެ. ކޮންމެ މީހަކަށް ވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާ އެކު ދިރިއުޅުމުގެ ހައްގު ލިބިދީފައިވެ އެވެ.” އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ވަނީ މިފަދަ އަމަލުތައް ނުކުރުމަށާ އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ހުރިހާ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ ގޮވާލާފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ވާހަކަ ދެއްކި މައްސަލަ ބަލަން އެޗްއާރުސީއެމުން ގޮވާލާފައިވާއިރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސަމާލު ކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ބްރޯޑްކޮމުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ރައްކާތެރިކަމެއް ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ލިބިދޭ ކަމަށެވެ.
އެކަން އެހެން އޮތްއިރު، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސް އާއި ގައިޑްލައިންތަކާއި ތައާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރި މައްްސަލަަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މިފަދަ ކޮންޓެންޓުގެ މައްސަލަތައް ތަހުގީގުކޮށް، ކަންކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ އިހުތިސޯސް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް ބްރޯޑްކޮމުން ބުނެފައިވެ އެވެ. އަދި ކޮމިޝަނުގެ ސަމާލު ކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް ސާކިއުލާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން ރާއްޖެ ޓީވީން ރޭ ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. ބަޔާނުގައި ބުނީ އެ ޓީވީން ލައިވްކޮށް ގެނެސްދިން “ކާލާބައިސާ” ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުން އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލު ކުރެވޭ ނަމަ އެ ކަމަށް މާފަށް އެދޭ ކަމަށެވެ.