މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އެހެނިހެން ވޯޓުލުންތަކުގެ ކަންކަން ކުރިއަށްދާއިރު، ކެންޑިޑޭޓުންނާއި އާންމު ރައްޔިތުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

ވޯޓުލުމުގެ ޙައްޤު ކަށަވަރުކުރުމުގެ ގޮތުން މާދަމާގެ އިންތިޚާބުތަކާއި އާންމު ވޯޓު އޮބްޒާވްކުރުމަށް އެ ކޮމިޝަނުން ވަނީ ފުޅާ ދާއިރާއެއްގައި ތައްޔާރުވެފައެވެ. އެގޮތުން، ހެނދުނު 6:30 އިން ފެށިގެން ވޯޓުލުން ނިމެންދެން، މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި އެޗްއާރްސީއެމްގެ 78 މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

މީގެ ތެރޭގައި މާލެ ސަރަޙައްދުގެ 208 ވޯޓުފޮއްޓަކާއި، އަތޮޅުތެރޭގެ 104 ފޮއްޓެއްގެ އިތުރުން ކ. މާފުށީ ޖަލުގައި ބަހައްޓާ ފޮށިތައްވެސް އެ ފަރާތުން މޮނިޓަރކުރަމުން ގެންދާނެކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާ އެކު ވޯޓުލުމުގެ އަސާސީ ޙައްޤުގެ ބޭނުން ފުރިހަމައަށް ހިފުމަށް އެ ކޮމިޝަނުން ވަނީ ބާރުއަޅާފައެވެ. އަދި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ކޮންމެ ފަރުދެއްގެ ވެސް ހިއްސާ އޮތުމާ އެކު، އެއްވެސް ބޭރުގެ ނުފޫޒަކަށް ތަބާވުމެއްނެތި، ތެދުވެރިކަމާ އެކު އަމިއްލަ އިޚްތިޔާރުގައި ވޯޓު ދިނުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ހަމައެހެންމެ އިންތިޚާބީ މައިދާނުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން ވެސް އެހެން މީހުންގެ ވޯޓުލުމުގެ ޙައްޤަށް އިޙްތިރާމްކުރުމަކީ މުހިންމު ކަމެއްކަން އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް އުފެދުނު ކަމުގައިވިޔަސް، މުޖުތަމަޢުގެ އަމާންކަން ނަގާނުލުމަށާއި، ކޮންމެ މައްސަލައަކަށް ވެސް ޤާނޫނީ އިމުގެ ތެރެއިން ސުލްހަވެރި ޙައްލު ހޯދުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply