މިހާރު ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރާ ޔުނީފޯމު ބަދަލުކުރަން ނިންމި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިމިގެން ދިޔަ ހަފްތާގައި އާންމުކުރި  “ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު” ގެ ދަށުން ޔުނީފޯމް ބަދަލުކުރާނީ 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ އެކުއެވެ.

އެ އުސޫލުގައިވާ ގޮތުން ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާންވެސް މަޖުބޫރުވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖޭގައި 90،000އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށެވެ.

އަދި ބަދަލުކުރަން ނިންމާފައިވާ ޔުނީފޯމްއަށް އެންމެ މަދުވެގެން ވެސް 900 ރުފިޔާ ހަރަދުވާނެ ކަމަށާއި އެއާއެކު ބެލެނިވެރިންގެ އަތުން ޖުމްލަ 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

“އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން. ޔުނީފޯމު ބަދަލުކުރުމަކީ ހަރަދު ބޮޑު ބޭކާރު ކަމެއް. މިހާރުވެސް ދަރިވަރުން އެތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން” އަންހެން ދަރިވަރުން ކުރު ސްކާޓު ލައިގެން ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިއްސާކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އާ ޔުނީފޯމް އުސޫލުގެ ދަށުން މަތީ ގްރޭޑްތަކުގެ ފިރިހެން ދަރިވަރުންނަށް ތުނބުޅިވެސް ބެހެއްޓި އެވެ.

Leave a Reply