އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެރީ ޓާމިނަލްތައް ލޯކަލް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ފަށައިފި އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅުގައި ގާއިމުކޮށްފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރަށްރަށުގައި ގާއިމުކުރެވިފައިވާ ފެރީ ޓާމިނަލްތަކާއި ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި ހަވާލުކުރުމަށް މިނިސްޓްރީ އާއި ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާ އާ ބެހޭ މައުލޫމާތު އިއްޔެ މެންދުރު އޮންލައިންކޮށް، އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށެވެ.

ބައްދަލުވުމުގައި ކައުންސިލްތަކުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު ޖަވާބުދެއްވި ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުންޏެވެ. އަދި ހއ، ހދ. އަދި ށ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ފަހުމުނާމާ އިއްޔެ ފޮނުވިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ވަނީ ވަރަށް އަވަހަށް ފަހުމުނާމާތަކުގައި ސޮއިކުރެވި ފެރީ ޓާމިނަލްތަކާއި ފެރީ ސްޕޮޓްތަކުގެ ހިދުމަތް އާންމުންނަށް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ހާމަކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އާރްޓީއެލްގެ ޒޯން އެކެއްގައި ހިމެނޭ ހއ، ހދ. އަދި ށ. އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވި އެވެ. ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ ލޯކަލް ގަވަމަންޓް ޑިޕާޓްމެންޓް ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރާއި ޕްލޭނިން ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އަދި މިނިސްޓްރީގެ އިސްވެރިންނާއި ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާ ބައިވެރިވެވަޑައިގެންނެވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *