އައު އަހަރަކާ އެކު ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އައު ލޯގޯ އިފްތިތާޙްކޮށްފިއެވެ.

އެ ކުންފުނި ރީބްރޭންޑްކުރުމުގެ މަސައްކަތުގެ ތެރެއިން އިފްތިތާޙްކުރި އައު ލޯގޯއިން ފެންނަ ހަކަން (ހެކްސޮގަން)އިން ސައްކައިދެނީ ދިވެހީންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގަލެވެ. އެ ގޮތުން ދިވެހި ރުކުރު ފަންވިނުމުގެ ފުރަތަމަ މަރުޙަލާ ފެންނަ ލޯގޯގެ އަސާސީ މަންޒަރަކީ އުފެދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުމެވެ.

އާރްޑީސީއިން ބުނި ގޮތުގައި އިމާރާތްކުރުމުގެ ފެށުންކަމުގައިވާ ފަންވިޔުން ދައްކައިދޭ މި ލޯގޯގެ ރަމްޒަކީ އެއްފަންވަތް އަނެއް ފަންވަތާ ގުޅިފައި އޮންނަ ފަދައިން ދިވެހީންގެ ދިރިއުޅުމުގައި ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.

“ރީބްރޭންޑްކުރުމުގެ މި މަސައްކަތަކީ އަޅުގަނޑުމެންގެ ކުންފުނީގެ އާފެށުމެއް. ދިވެހި އަތްތެރިކަމުގެ ފުރަތަމަ މަރުހަލާއިން ފެށިގެން، މި ކުންފުނި ވެސް އާ ފޮޅުވަތެއް ލިޔަމުން މިދަނީ އެ އަސާސީ ހަމަތަކުގެ މައްޗަށް ބިނާކޮށް. މި ލޯގޯއަކީ މި ކުންފުނީގެ މާޒީއާއި މުސްތަޤްބަލު ގުޅުވައިދޭ ފާލަމެއް,” އާރުޑީސީން ބުނެފައިވެއެވެ.

އާރްޑީސީއަކީ މަގުތައް ހެދުމާއި ދާލަންތައް މަރާމާތުކޮށް ބެލެހެއްޓުމާއި ހައިވޭތައް ހެދުމާއި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދައުލަތުގެ ކުންފުންޏެކެވެ.

Leave a Reply