ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ޒާހިރުގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރަން އަމުރު ނެރެން އަޒްމިރަލްދާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހު އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާދަމާގެ އަޑުއެހުމުގެ ނޯޓިސް ދެ ފަނޑިޔާރުންނަށް ވެސް ވަނީ ފޮނުވައިފަ އެވެ. އަދި ދެ ފަނޑިޔާރުންނަށް ފޮނުވި ނޯޓިސްގައި ވެސް އެއީ ފަހު އަޑުއެހުން ކަމަށް ބުނެފައިވެ އެވެ.

ފަނޑިޔާރު މަހާޒުގެ އަޑުއެހުން އޮތީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރެވެ. ފަނޑިޔާރު އަޒްމިރަލްދާގެ އަޑުއެހުން އޮތީ މާދަމާ ހެނދުނު ދިހައެއް ޖަހާއިރެވެ.

މި މައްސަލައިގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު ދެ ފަނޑިޔާރުން ތިއްބެވި މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.

އަޒްމިރަލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވުމަކީ ފަނޑިޔާރު މީޑިއާތަކާ ވާހަކަ ދައްކައި ހިނގަމުންދާ މައްސަލައަކަށް މައްސަލައިގެ ބޭރުން ރައްދު ދިނުން ކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ގޮތަށް ދަނީ ބަލަމުންނެވެ.

ފަނޑިޔާރުން ތިއްބެވީ ސަސްޕެންޝަނުގަ އެވެ. ސަސްޕެންޝަނުގައި ތިއްބަވާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *