
އދ. ދިގުރަށުގައި ހިނގި އަލިފާނުގައި ބިދޭސީންތަކެއް މަރުވި މައްސަލަ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބަލަން ފަށައިފިއެވެ.
ރޭ ދިގުރަށުގައި ހިނގި އަލިފާނުގައި ފަސް ބަނގުލަދޭޝްގެ މީހަކު މަރުވީ އެ މީހުން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެގެންނެވެ.
އެ ހާދިސާއާ ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ބުނީ އެ ހާދިސާ އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކުގައި ކަމަށާއި އަދި އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ކޮމިޝަނުގެ ފަރާތުން ވަނީ ތައުޒިޔާ ކިޔައިފައެވެ.
އެޗްއާރުސީއެމްއިން ބުނީ އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތާއި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ.
ރޭ ހިނގި ހާދިސާގައި އިތުރު ތިން މީހަކަށް އަނިޔާވި އިރު ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކު އިތުރު ފަރުވާއަށް ވަނީ މާލެވެސް ގެނެސްފައެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































