ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އިސްތިއުފާ ދެއްވައިފި އެވެ.

ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓް ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފެއްދި ބޭންކެކެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ނޮއެލް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު މަގާމަށް އައްޔަންކުރެއްވި ނޮއެލް އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެ އެވެ.

ޑިވެލޮޕްމެންޓް ބޭންކް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދީފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ އާއެކު ބޭންކް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދު ތެރޭގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *