ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރާ މަޝްރޫއުތަކަށް ފައިސާ ދޭނީ އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ ހާއްސަ ހަރުދަނާ މިންގަނޑެއްގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ މިއަދި 206 މަޝްރޫއެއް އަމިއްލަ 53 ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުތައް ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށެވެ.

އޭގެ ސަބަބުން ބޭންކުތަކުން ފައިނޭސިން ލިބި، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަވަސް މިނެއްގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

“މީގެ ސަބަބުން ދިވެހި ގިނަ ވިޔަފާރިތަކަށް މާލީ މަންފާ ލިބި، ޒުވާން އަދި ތަޖުރިބާކާރު ޓެކްނިކަލް މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރުގެ ވާހަކަފުޅުގައި، މި މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން ހާސިލްކުރަން ބޭނުންވާ ބައެއް ކަންކަން ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ގާއިމްކޮށް، ސަރުކާރު މުއައްސަސާތަކުން މަޝްރޫއުތަކުގެ ހިންގުން ވަޒަން ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި، މަޝްރޫއުތަކުގެ ދެމެހެއްޓެނިވިކަމަށް އިސްކަން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، މި މަޝްރޫއުތައް ކުދި އަދި މެދުފަންތީގެ ކުންފުނިތަކާ ހަވާލުކުރުމުގެ މައިގަނޑު މުގާބިލަކީ ދިވެހި ބޭންކިން ސެކްޓަރަށް ވެސް ދިވެހި ވިޔަފާރިތަކާ މިހާރަށް ވުރެ ރައްޓެހި، ފަހި ދާއިރާއަކަށް ހެދުން ކަމަށެވެ.

“މަޝްރޫއު ހިންގުމާއި ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ. މި އެއްބަސްވުންތައް ހިމެނޭނީ އާންމު އިންވެސްޓްމެންޓް ފްރޭމްވޯކުގެ ތެރޭގައި މޮނިޓަރިން އިންތިޒާމު ހިމެނޭހެން. އެހެން ކަމުން ބޭންކުތަކަށްވެސް ފައިދާ ލިބި، އިތުރު މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދޭން މަގުފަހިވެގެންދާނެ،” ޒަމީރު ވިދާޅުވި އެވެ.

މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.

Leave a Reply