
އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ސިޓީއަށް 1.8 މެގަވޮޓުގެ ޖެނެރޭޓަރެއް ފޮނުވައިފި އެވެ.
ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން 3 ޖެނެރޭޓަރު ސެޓަށް ވަނީ މައްސަލަތައް ދިމާވެފައިވާ ކަމަށާ އަދި އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފެނަކައިން މިދިޔަ މަހު ބުނެފައިވެ އެވެ.
ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އިތުރު ޖެނެރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެހެންނަމަވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން މި ރޯދަ މަހު ވެސް ދަނީ ކަރަންޓު ކަނޑަމުންނެވެ. މައްސަލައަށް ހައްލު ހޯދައިދެވިފައި ނުވާތީ އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފެނައިގެ އިސްވެރިންނާ ބައްދަލުކުރުމުގެ އިތުރުން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅާފައިވެ އެވެ. ކަމާ ގުޅިގެން އައްޑޫ ސިޓީގައި މުޒާހަރާ ވެސް ވަނީ ކޮށްފަ އެވެ.
ފެނަކައިން ވަނީ މިދިޔަ މަހު އެ ސިޓީއަށް 1.8 މެގަވޮޓުގެ ޖެނެރޭޓަރެއް ފޮނުވާފަ އެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ގެންގޮސްފައިވެ އެވެ. އެ ދެ ޖެނެރޭޓަރު އިންސްޓޯލްކޮށް ދަނީ ބޭނުންކުރަމުންނެވެ.
ހިނގަމުން މިދާ މަހުގެ 13 ވަނަ އެ ކުންފުނިން ބުނެފައި ވަނީ އިންޑިއާއިން ފުރުވާލެވުނު 1.8 މެގަވޯޓުގެ އާ ޖެނެރޭޓަރު މާލޭ ބަނދަރަށް ގެނެސްފައިވާ ކަމަށެވެ. އަންލޯޑްކޮށް، އައްޑޫ ސިޓީއަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ 1.8 މެގަވޮޓުގެ ޖެނެރޭޓަރެއް އައްޑޫއަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ. އެ ޖެނެރޭޓަރު އިންސްޓޯލް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާއިރު، މާދަމާ އެ ސިޓީއަށް ޖެނެރޭޓަރު ފޯރާނެ ކަމަށެވެ. އިއްޔެ ކަރަންޓު ކަނޑާލަން ޖެހުނީ ދެ ޖެނެރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށް ނަޖާހު ވިދާޅުވި އެވެ.
ފެނަކައިން ރޭ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ސެންޓްރަލް ޕަވާ ސްޓޭޝަނުގެ ތިން ޖެނެރޭޓަރެއް މަރާމާތު ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރެވެމުން. pic.twitter.com/oMKkaX2Zof
— Fenaka Corporation Ltd (@TeamFenaka) March 24, 2025
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ރޯދަ މަސް ފެށުމުގެ ކުރިންނާއި ފެށުނު ފަހުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މީގެކުރިން ފެނަކައިން ބުނެފައިވެ އެވެ. އެގޮތުން ހިނގަމުން މިދާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަަމައަށް ކުރެވުނު މަސައްކަތްތައް އެ ކުންފުނިން ވަނީ ހިއްސާކޮށްފަ އެވެ.
- 5 ޖެނެރޭޓަރެއްގެ މޭޖަ ސާވިސްތައް
- 3 ޖެނެރޭޓަރެއްގެ އޯވަހޯލް މަސައްކަތް
- 18 ޖެނެރޭޓަރެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތްތައް
- 8 ޖެނެރޭޓަރަކަށް ސްޕެއާ ޕާޓްސް ހޯދުން
އެ މަސައްކަތްތައް ކުރުމުގައި ސެންޓްރަލް ޕަވަ ސްޓޭޝަނުގެ ޓެކްނިކަލް ޓީމުން އެވްރެޖްކޮށް ކޮންމެ ދުވަހަކު 18 ގަޑިއިރު މަސައްކަތް ކޮށްފައިވާ ކަމަށް ފެނަކައިން ފާހަގަކޮށްފައިވެ އެވެ.