
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދެމުންދާ އެލަވަންސް ދެ ގުނައަށް ބޮޑު ކުރުމަށް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އަންނަ މަހުން ފެށިގެން ކޮންމެ ހާފިޒަކަށް 4،000 ރުފިޔާ އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހާފިޒުންނަށް ދެމުން އަންނަ އެލަވަންސް ބޮޑު ކުރުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ރޭ އޮތް ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަން އިއުލާނު ކުރައްވައި ރައީސް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސަތަކީ ގުރުއާނާއި ދީނީ އިލްމު ފެތުރުމަށް އިސްކަންދިނުން ކަމަށެވެ. އެގޮތުން ދީނީ އިލްމު ފެތުރުމާއި ހާފިޒުން ތަމްރީނު ކުރުމަކީ ހޭދަކުރުން އިތުރުކޮށްގެން ކުރެވޭ މަސައްކަތަކަށް ހަދާނެ ކަމުގައި ފާހަގަކުރެއްވި އެވެ.
ހޭދަކުރުން އިތުރުކުރާނީ ވަސީލަތްތަކާއި ހަރަކާތްތައް އިތުރުކުރުމުގެ އިތުރަށް އެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމާއި ހިތްވަރު ދިނުމާއި އުޖޫރަ ދިނުމުގައި ވެސް އިތުރުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެކަމަކީ ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި މުހިންމު ކަމެއް ކަމަށެވެ.
“ރިޔާސީ އިންތިހާބުގައި ވައުދު ވެފައިވާ ފަދައިން ހާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނައަށް ބޮޑުކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި،” ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި.
ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ…
— Dr Mohamed Muizzu (@MMuizzu) June 24, 2025
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000 ރުފިޔާގެ އިނާޔަތެކެވެ. މި ބަދަލާ އެކު އަންނަ މަހުން ފެށިގެން ކޮންމެ ހާފިޒަކަށް މަހަކު 4،000 ރުފިޔާ ލިބޭނެ އެވެ.
ހާފިޒުކަމުގެ އިނާޔަތަކީ ދާއިމީ ގޮތެއްގައި ކޮންމެ މަަހަކު ހާފިޒުންނަށް ދެމުން އަންނަ އިނާޔަތެކެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































