
އިއްޔެގެ މޫސުން ރީއްޗެވެ. މާލެ ވިޔަފާރި ބަނދަރު ބޭރުގައި ރާޅެއް ނެތެވެ. އެހެންވެ މިދިޔަ ހަފުތާއާ ތަފާތުކޮށް މުދާ ބޭލުގައި އެމްޕީއެލް މުވައްޒަފުންނަށް އޮތީ ފަސޭހަ މަގެކެވެ. ޒަމާނުއްސުރެން ފެށިގެން މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުތަކުން މުދާ “ލޯޑިން އަން ލޯޑިން” ދޭ ގޮތާ އިއްޔެ ތަފާތެއް ނެތެވެ. އެކަން ކުރީ ކުރިންވެސް އޮންނަ “ރިސްކީ އެންވަޔަރުމަންޓެއް” ގައެވެ. މާލެ ބަނދަރުގެ ބޭރުގައި އޮތް ބޯޓެއްގައި ހުރި ދެ އެކްސްކަވޭޓަރު ކޮޅުވެއްޓި އަށް އެރުވުމުގެ އޮޕަރޭޝަން ފެށި އެވެ. މި މަސައްކަތުގައި އިސްކޮށް ތިބީ މިފަދަ މަސައްކަތުގައި ތަޖުރިބާހުރި އެމްޕީއެލް މުވައްޒަފުންނެވެ. ނަމަވެސް މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް ފެނިގެން ދިޔައީ މިއިން ދުވަހަކު ބަނދަރުން ނުފެންނަ ފަދަ ބިރުވެރި މަންޒަރެވެ.
އެއްގަމުގައި ތިބި އެތައް ބައެއްގެ ލޮލުގެ ކުރިމަތީގައި އެތައް ބަޔަކާއެކު ކޮޅުވެއްޓި އާއި ބަރު ދެ އެކްސަކޭޓަރާއެކު އުޅަނދު ބަންޑުން ޖަހާލި އެވެ. ނުރައްކާތެރި މި ހާދިސާއަށްފަހު ވަނީ ގިނަ ސުވާލު ތަކެއް އުފެދިފަ އެވެ. އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކޮޅުވެއްޓި އަށް އެތައް ޓަނެއްގެ ބަރުދަން ހުރި އެކްސްކަވޭޓަރު އެރުވުމުގެ މަސައްކަތް ކުރީ ހަމަ އާއްމު އުސޫލުން ކަން ކުރާ ގޮތަށެވެ. ނަމަވެސް ނުފެންނަ މަންޒަރަކީ އެކަންވީ ގޮތަށެވެ. އުފައްދާ ސުވާލަކީ މި އެވެ.
ހާދިސާ ހިނގި ގޮތުގެ ހަގީގަތާ ހަމައަށް ދާން ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ. އަދި މިކަމުގައި

އެމްޕީއެލް އިން ވެސް ވަނީ ބަލަން ޖެހޭ ކަންކަން ބަލަން ފަށާފަ އެވެ.
މި ހާދިސާ ހިންގައިރު ކޮޅުވެއްޓީގެ ކައްޕިއާއި ދެ މުވައްޒަފުން ފިޔަވައި ކޮޅުވެއްޓީގައި ތިބީ އެމްޕީއެލް މުވައްޒަފުންނެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޢުމުރުން 32 އަހަރުގެ މަސްޢޫދު އާއި އަދި ފަރުވާ ދެމުން ދަނިކޮށް ހާލު ދެރަވެގެން މިއަދު ނިޔާވި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްލާހުގެ ފޫޅުން ތިރި އޮތީ ޗިސްވެފައި ކަމަށެވެ. ބެލެވޭ ގޮތުގައި އައްފާލްއަކީ މި ހާދިސާ ހިނގުމާ ގުޅިގެން ތާށިވެގެން ސިފައިން ނެގި މީހާ އެވެ.
މާލެ ވިޔަފާރި ބަނދަރަކީ އެތަން އޮންނަ ގޮތާއި މަސައްކަތް ކުރަމުންދާ ގޮތަށް ބަލާއިރު އެކްސިޑެންޓްތައް މަދު ތަނެވެ. މިހާތަނަށް ބަނދަރުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއަކީ ކޮންޓެއިނަރެއް އުފުލާ ފަށުވިއެއް ކަނޑައިގެން ދިއުން 2014 ވަނަ އަހަރު ހިނގި ހާދިސާ އެވެ. ވިޔަފާރި ބަނދަރުގައި ބޯޓަކަށް ޓާފް ކާޕެޓް ރޯލެއް ކްރޭނަކުން ބަރުކުރަން އުޅުމުގެ ތެރޭގައި ރޯލު ވެއްޓި އެ ރޯލުގެ ދަށުވެ މަސައްކަތު މީހަކަށް ސީރިއަސް އަނިޔާ ލިބުނު ހާދިސާއެއް ހިނގާފައިވެއެވެ. އަދި 2021 ވަނަ އަހަރު ވިޔަފާރި ބަނދަރުގައި ޕެލެޓެއް ވެއްޓި، އެމްޕީ.އެލްގެ މުވައްޒަފެއްގެ ހަށިގަނޑުގެ ބައެއްގެ ދަށުވުމުގެ ސަބަބުން އަނިޔާވެ، ފަހުން އޭނާ ވަނީ މަރުވެފައެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































