ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހުގެ މައްޗަށް 94 ދައުވާ، އަދި ޖައިޝާން ސަޢީދުގެ މައްޗަށް 89 ދައުވާ ސާބިތުވެއްޖެއެވެ.

މަމްދޫހާއި ޖައިޝާންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ މަމްދޫޙާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖު ކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ހީލަތުން އާންމު ފަރާތްތަކަށް ވިއްކުމާ ގުޅިގެންނެވެ.

މި މައްސަލައިގައި މަމްދޫހާއި އޭނާގެ ބައިވެރިން ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަމްދޫހާއި ޖައިޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ސާބިތުވެފައެވެ. އެގޮތުން މަމްދޫހުގެ މައްޗަށް ޓެކުންގެ 46 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ އަދި މަނީ ލޯންޑްރިންގެ 1 ދައުވާ ސާބިތުވެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޖައިޝާންގެ މައްޗަށް ސާބިތުވެފައި ވަނީ، ޓެކުމުގައި ބައިވެރިވުމުގެ 45 ދަޢުވާއާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ.

މި މައްސަލާގައި މަނީ ލޯންޑްރިންގގެ ދައުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 (އޭރިއާ 2597.58) އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

މި ދައުވާތަކާ ގުޅިގެން އަދަބު ކަނޑައެޅުމުގެ އަޑުއެހުން މި މަހުގެ 30 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި ދައުވާތައް ސާބިތުވާކަމަށް ކަނޑައެޅުމާ ގުޅިގެން މި ދެމީހުން ވަނީ އަދަބު ކަނޑައެޅެންދެން ބަންދުކޮށްފައެވެ.

Leave a Reply