
ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި 14 ތަނެއް ބަންދުކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް، އަހްމަދު ނާއިފް ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި 14 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި އެ ތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.
ނާއިފް ވިދާޅުވި ގޮތުގައި މިހާތަނަށް މާލެއިން 60 އަށް ވުރެ ގިނަ ތަންތަން ފާހަގަކުރެވިފައިވާ ކަމުގަ އެވެ. މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމުގެ އިތުރުން ގިނަ ބަޔަކަށް އެގްރިމެންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނޭ ކަމުގަ އެވެ.
މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތައް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ. މިކަން ހައްލުކުރުމަށް ޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ. އިސްލާހުތަކުގެ ތެރޭގައި މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާ އަދި ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.
ފުލުހުން ބުނީ މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމު ކަމަށެވެ. އެގޮތުން އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި، އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަކީ ކުރެވިދާނެ ކަންކަން ކަމަށް ބުންޏެވެ. އަދި ކުއްޔަށްދީފައިވާ ތަންތަނުގައި މިފަދަ އަމަލެއް ހިންގާކަން ފާހަގަވާ ނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ގާނޫނުތަކުން އެ ތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.