
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު 20 އަށްވުރެ އިތުރުނުވާނަމަ، ކުރިން ދައްކަމުން އައި ދެހާސް ރުފިޔާގެ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ކަމާބެހޭ ގަވާއިދަށް އިސްލާޙު ގެނެސްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން “ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު” އަށް އަލަށް ގެނައި މި ބަދަލާ އެކު، އާ އުޞޫލަށް ޢަމަލުކުރަން ފެށުމުން، މީގެ ކުރިން ބޭނުންކުރަމުން އައި ކޯޓާތަކަށް ވެސް ފީ ދެއްކުން ނިމުމަކަށް އަންނާނެއެވެ.
އެހެންނަމަވެސް، އެއްވެސް ވިޔަފާރިއަކުން ގެންނަ ބިދޭސީންގެ ޢަދަދު 20 އަށްވުރެ މައްޗަށް ހިނގައްޖެ ޙާލަތެއްގައި، އެކާވީސް ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް އާންމު އުޞޫލުން ފީ ދައްކަން ލާޒިމުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ފުރުޞަތުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ޚާއްޞަ މާއްދާއެއް ގަވާއިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ކޯޓާ ފީ މާފުކުރެވޭ ކުންފުންޏެއްގެ ޙިއްޞާދާރަކު ނުވަތަ ވެރިއަކު އަލަށް އުފައްދާ އެހެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މި އިސްތިސްނާގެ ދަށުން ލުޔެއް ނުލިބޭނެއެވެ.
މީގެ އިތުރުން، މަޤުބޫލު އުޒުރެއް ދިމާވެގެން ވަރކް ޕަރމިޓް ފީ ނުދެއްކޭ ޙާލަތްތަކުގައި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މުއްދަތު ހަމަވުމުގެ ކުރިން އެދިއްޖެ ނަމަ، ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ކަމާބެހޭ ވުޒާރާއަށް މިހާރު ވަނީ ލިބިދީފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދިޔަ ކަމުގައިވިޔަސް، އިޤުތިޞާދުގެ މައިބަދަ ކަމުގައިވާ އާންމު ވިޔަފާރިތަކަށް ދަތިނުވާނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































