ނިމިގެން ދިޔަ ސަރުކާރުން ބައިނަލްއަގުވާމީ ބާޒާރަށް ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައި ހަލާސްކޮށްފި އެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އޭރުގެ ސަރުކާރުން އެ ސުކޫކު ވިއްކީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ “ސަނީ ސައިޑް” ބޮންޑު އަދާކުރުމަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންށާއި އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން އެމެރިކާ ޑޮލަރާއ،ި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ދައްކާފައިވާ ކަމަށާއި އެއާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ގެ މިންވަރު ކުޑަވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ސުކޫކު އަނބުރާ ދެއްކުމަށްފަހ،ު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއ،ި އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހި ކޮށްދިނުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިނ،ް މިކަމަށް ބެނުންވާ މާލީ އެހީތެރިކަން ހަމަޖެހުމުންދާ ކަމަށާއި އަދި މި މަހުގެ ނިޔަލަށް އަދާކުރަންޖެހ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Leave a Reply