އޭޕްރީލްމަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހަޅަން ޖެހޭނީ، އޮންލައިންކޮށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން ބުނީ މި ދެ އިންތިޚާބުގެ އެއްވެސް ކަރުދާސް ފޯމެއް ބަލައިނުގަންނާނެ ކަމަށާއި ފޯމްތައް ހުށަހަޅަން ޖެހޭނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ފޯމާ އެކު ހުށަހަޅާ ކުށާއި ދަރަނީގެ ރެކޯޑް  ފޯމްތައް ވެސް އެ ޕޯޓަލްއަށް ހުށަހެޅޭނެކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ، ތާއީދު އޮތްކަން ހާމަކޮށްދޭން ސޮއި ހޯދުމަށް ފަހު ފުށަހަޅަން ޖެހޭ ފޯމެއް ކުރިން އޮތް ނަމަވެސް އީސީއިން ވަނީ އެކަމަށް ވެސް ލުއި ގޮތްތަކެއް ހޯދައިފައެވެ. އެ ގޮތުން އަމިއްލަ ކެނޑިޑޭޓުން މި އިންތިޚާބުގައި ފޯމު ހުށަހެޅުމުން، އެ ކެންޑިޑޭޓުން މައުލޫމާތު ފޮނުވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ތާއީދު ކުރުމުގެ ރިކުއެސްޓް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ ކެންޑިޑެންސީ ފޯމާ އެކު ހުށަހަޅަން ޖެހޭ ކުށާއި ދަރަނި ސާފުކުރުން ޑީޖޭއޭގެ ޕޯޓަލް މެދުވެރިކޮށް އަދި ކަރެކްޝަނަލް ސަރވިސްއަށް މެއިލްކޮށްގެން ކުރިއަށް ގެންދެވޭނެއެވެ. އަދި މީރޭގެ ޓެކްސް ކްލިއަރެންސް ވެސް މީރާގެ ކަނެކްޓްއިން ނެގޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އީސީއިން ވަނީ ފޯމު ހުށަހެޅުން އޮންލައިން ނިޒާމްއަށް ބަދަލުކޮށް ، http://my.elections.gov.mv މެދުވެރިކޮށް ފޯމް ހުށަހަޅާނެ ގޮތާއި އެހެނިހެން ތަފްސީލް ސިޔާސީ ޕާޓީތަކާ ހިއްސާކޮށްފައެވެ.

ރާއްޖޭގެ މައި އިންތިޚާބެއްގައި ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ މިއީ ފުރަތަމަ ފަހަރެވެ.

Leave a Reply