ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އާންމުންގެ ހިޔާލަށް މިއަދު ހުޅުވާލައިފި އެވެ.

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މިއަދު މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ މެންދުރު 12 އާ ހަމައަށް އެ ގަރާރަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައިވާ ކަމަށެެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ކައުންސިލަރުން މާ ގިނަ ފާހަގަކުރައްވައި އެކަމުގައި ހުރި މައްސަލަތަކާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ޝުޖާއު ވިދާޅުވީ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންނެކޭ އެއްގޮތަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތް ރަށްރަށުގެ ކައުންސިލަރުންގެ މުސާރަ ވެސް އެއްވަރު ކަމަށެވެ.

ހަމައެހެންމެ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ބޮޑު އަދަދެއް ހޭދަކުރާއިރު، އެއީ ހަމަ ކުރަން ޖެހޭ ހަރަދެއްތޯ ވެސް ގަރާރުގައި އަހާފައިވެ އެވެ.

އެހެންވެ ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ފުލްޓައިމް ކައުންސިލަރުންގެ އަދަދު އެކެއް ނޫނީ ދޭކަށް މަދުކޮށް ދެން ތިބޭ ކައުންސިލަރުންނަށް ސިޓިން އެލަވަންސްއެއް ލިބޭ ގޮތަށް ހެދުމަށެވެ.

އޭރުން ހަރަދުތައް އެތައް ގުނައަކުން ކުޑަކުރެވިދާނެ ކަމަށް ގަރާރުގައި ބުންޏެވެ.

Leave a Reply