ބޮޑުތަކުރުފާނު ތަރައްގީކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަރަށް ބޮޑަށް މިއަދު ތައުރީފްކުރައްވައިފި އެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މިހާރު ލޯކަލް މާރުކޭޓު ހުރި ހިސާބާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ނިމިގެން ދިޔަ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަންވެސް ކުރެއްވި އާޒިމް އެކްސްގައި މިއަދު ވިދާޅުވީ  އެ މަޝްރޫއު އެމްޓީސީސީން ކުރިއަށް ގެންދަނީ ވަރަށް ބާރު މިނުގައި ވަރަށް ފުރިހަމައަށް ކަމަށާއި އަދި އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

“ޖުމުލަ 830 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢުގެ ސަބަބުން، މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް، އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށް ދެކެން. ސަރުކާރާއި އަމިއްލަފަރާތްތަކުގެ ގިނަ އޮފީސްތަކާއި، ބެންކުތަކާއި އަދި މަސްމާރުކޭޓާއި ގިނަ ހޯލްސޭލް ފިހާރަ ހިމެނޭ، ސަރަޙައްދަށް ގެނެވޭ މި ބޮޑު ބަދަލުގެ ސަބަބުން، ވަރަށް ގިނަ ރައްޔިތުންނަށް، އެކި ގޮތްގޮތުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދެކެން.” މޭޔަރިު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުންމީދަކީ، ވީހައި އަވަހަކަށް އެ މަޝްރޫއުގެ މަސައްކަތް ނިމި، އެ ސަރަޙައްދު ބޭނުންކުރަމުންދާ ފަރާތްތަކަށް، އެ ކަމުގެ ލުއި ފަސޭހަތައް ލިބެން ފެށުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުން ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރާނީ ފަޅުން ބައެއް ޝީޓު ޕައިލްކޮށް ހަތަރު ލޭން ހިމެނޭ ގޮތަށެވެ.

ފަސް ސެގްމަންޓަަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގައި ހިމެނެނީ  ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްގީ ކުރުމުގެ މަސައްކަތެވެ. އެ ސެގްމަންޓް މި މަހު ނިމޭނެކަމަށް އެމްޓީސީސީން ކުރިން ބުނެފައި ވެއެވެ.

Leave a Reply