
ބޮލުން ހަންފޮޅުން ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަމުން ސަލާމަތްވުމަކީ ފަސޭހަކަމެއް ނޫނެވެ. އެތައް ވައްތަރެއްގެ ޝޭމްޕޫއަކާއި ތެލެއް ބޭނުން ކުރިޔަސް މި ކަންކަން ބަދަލުނުކޮށް އެ މައްސަލައަށް ހައްލެއް ނާންނާނެއެވެ.
އެންވައިޔޫގެ ހަމުގެ ޑޮކްޓަރުން ބުނާ ގޮތުގައި މަދުން ބޯ ދޮންނަ މީހުންގެ ބޮލުން ހަންފޮޅުން ނައްތާލަން ވަރަށް އުނދަގޫވާނެއެވެ. ބޯ ނުދޮވުމުގެ ސަބަބުން ބޮލުގައި މެލެސީޒިއާ ކިޔާ ފަންގަސްއެއް ފެތުރި، ހަންފޮޅުމަށް މަގުފަހިވެއެވެ. މި ފަންގަސްއަކީ ބޮލުގައި އުފެދޭ މަރުވެފައި ހުންނަ ސްކިން ސެލްތަކަށް ފީޑުކޮށްދޭ އެއްޗެކެވެ. ޑޮކްޓަރުންގެ ލަފަޔަކީ ދެ ދުވަހުން އެއް ދުވަހު ރަގަޅަށް ބޯ ދޮވުމެވެ.
މާ ބާރުގަދަ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ބޯ ދޮވުމަކީ ވެސް ބޮލުން ހަންފޮޅުން ނައްތައިލެވޭނެ ކަމެއް ނޫންކަމަށް ޑޮކްޓަރުން ބުނެއެވެ. އޭގައި ހުންނަ ވަރުގަދަ ކެމިކަލްތަކުގެ ސަބަބުން އިންފްލެމޭޝަން އުފެދި، ޑެންޑްރަފް ބޮޑަށް ވަރުގަދަވުން އެކަށީގެންވެއެވެ. އެހެންކަމުން ސެންސިޓިވް ސްކަލްޕްތަކަށް އެކަށޭނަ ޝޭމްޕޫފަދަ ސާމާނު ބޭނުން ކުރުން ރަނގަޅުވާނެއެވެ.
އޭގެ އިތުރުން، ބޯ ކަހާނަމަ، އެކަން ނުކުރުމަކީ ވެސް ހަންފޮޅުން ހުއްޓުވިދާނެ ގޮތެކެވެ. ބޯ ކެހުމާއި އަދި ހޫނުވާފަދަ ސްޓައިލްކުރާ އާލާތްތައް ބޮލުގައި ބޭނުން ނުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޑޮކްޓަރުން ބުނެއެވެ.
ސްޓްރެސްއަކީ ވެސް ހަންފޮޅުމަށް މަގުފަހިވާކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންކަމުން ރަނގަޅަށް ރިލެކްސް ކުރުމަށާއި، ހަމަނިދި ހޯދުމަށާއި ހަށިގަނޑަށް ބަލައިގެން އުޅުމުން ޑޮކްޓަރުން އިލްތިމާސްކުރެއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































