
ސަރުކާރުން ކަނޑައަޅާފައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏަކުން ހުޅުމާލޭގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުގެ ދަށުން އިތުރު 540 ޔުނިޓާއެކު ޖުމްލަ 3800 ފްލެޓް އިމާރާތްކުރާނެކަން އިއުލާންކޮށްފިއެވެ.
މި ބޮޑު ބަދަލު ގެނެސްފައިވާކަން ހާމަކޮށްފައި ވަނީ، ބީއެމްއެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބިނާކުރާ 364 ފްލެޓެއްގެ ބިންގާ އެޅުމަށްޓަކައި ބޭއްވި ޚާއްޞަ ހަފުލާއެއްގެ ތެރެއިންނެވެ. އާބާދީއަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫޢު އިތުރަށް ފުޅާކުރިއިރު، އަލަށް އިމާރާތްކުރާ ޔުނިޓްތަކަށް ބޭނުންވާ ބިން ވެސް މިހާރު ކަށަވަރުކުރެވިފައިވާކަން ބީއެމްއެލް އިން ވަނީ ޔަޤީންކޮށްދީފައެވެ.
މީގެ ކުރިން މި ޕްރޮގްރާމް ފަރުމާކޮށްފައި އޮތީ ތަފާތު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ޖުމްލަ 3260 ޔުނިޓް ތަރައްޤީކުރާ ގޮތަށެވެ. އަދި އޭގެ ތެރެއިން ގިނަ އިމާރާތްތަކެއްގެ ބިންގާ އަޅައި، އަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ. ނަމަވެސް، އެ މަޝްރޫއަށް އަލަށް ގެނެވުނު ބަދަލާ އެކު އިތުރުކުރެވުނު ޔުނިޓްތައް ހިމަނައިގެން، ހުރިހާ އެޕާޓްމަންޓްތަކެއްގެ މަސައްކަތް އެއްކޮށް ނިންމައި، 2028ވަނަ އަހަރުގެ ނިޔަލަށް އާންމުންނަށް ދިރިއުޅެވޭވަރު ކުރުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































