ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރަމުންދާ ބިދޭސީ މަސައްކަތްތެރިންނަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ސަރުކާރުން ހުޅުވާލާފައިވާ “މާސް ލީގަލައިޒޭޝަން ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ސުންގަޑި، މެއި މަހުގެ 2ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ، އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރިއަށްގެންދާ މި ޚާއްޞަ ހަރަކާތަކީ، ވޯކް ޕާމިޓް ނެތް މީހުންނާއި، ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން ކާކުކަން ކަށަވަރުކޮށްދޭ ރަސްމީ ލިޔުމެއް ނެތި އުޅޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ މުއްދަތު ދަންމާލި ނަމަވެސް، މިއީ ރާއްޖޭގައި އުޅޭ ބިދޭސީންނަށް ޤަވާއިދަށް ފެތުމަށް ދެވޭނެ އެންމެ ފަހުގެ ފުރުޞަތުކަމަށް ކަމާބެހޭ ވުޒާރާއިން ވަނީ ހަރުކަށިކޮށް އަންގާފައެވެ. އަދި މި ތާރީޚުގެ ފަހުން އިތުރު އެއްވެސް ލުޔެއް ނުދޭނެކަން ވަނީ ހާމަކޮށްފައެވެ.

ލިޔެކިޔުންތައް ޤާނޫނީ އޮނިގަނޑަށް ފެއްތުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ވަޒީފާދޭ ފަރާތް މެދުވެރިކޮށް ސަރުކާރުގެ “އެކްސްޕެޓް ސިސްޓަމް” ގެ ތެރެއިންނެވެ. މިގޮތަށް ހުށަހެޅޭނީ ރާއްޖޭގައި މިވަގުތު ތިބި، އަދި އެއްވެސް ކުށެއްގެ ރެކޯޑެއް އޮވެގެން ބްލެކްލިސްޓު ކުރެވިފައި ނުވާ ބިދޭސީންނަށް އެކަންޏެވެ.

ދައުލަތުގެ މުއައްސަސާތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ދަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން ޤާނޫނާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ މީހުން ހޯދައި، އެއްވެސް އިތުރު ފުރުޞަތަކާ ނުލައި ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

Leave a Reply