މަޖީދީމަގުން ރަށްދެބައި މަހުގައި އިމާރާތްކުރި ބަރުބަރީ އާ މިސްކިތް މާދަމާ ހުޅުވަން ނިންމައިފިއެވެ.

ތިން ބުރިއަށް އިމާރާތްކުރި މިސްކިތް ފުރަތަމަ ހުޅުވަން ނިންމާފައި އޮތީ މިއަދުއެވެ.

ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު މިރޭ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ  މާދަމާގެ އަސަރު ނަމާދަށް ފަހު ހުޅުވަން މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.

މިސްކިތް ހުޅުވުން ލަސްވި ސަބަބު މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

އެ މިސްކިތަކީ 1400މީހުންގެ ޖާގަ އޮންނާނެއެވެ.

ބަރުބަރީ މިސްކިތަކީ ދުވަސްވީ މިސްކިތެކެވެ. އެ ތަނުގައި ކުރިން ހުރި މިސްކިތް ތަޅާލައި އާ މިސްކިތެއް އެޅީ “އަލިސާފު” ކުންފުނިންނެވެ.

ސަރުކާރުން ދަނީ ރޯދައިގެ ކުރިން އިތުރު މިސްކިތްތައް ވެސް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަދި ބައެއް މިސްކިތްތައް މިހާރު ވެސް ވަނީ ހުޅުވައިފައެވެ.

މި ސަރުކާރުން އާ މިސްކިތްތައް އަޅަން ދަނީ ބޮޑު އަހައްމިއްޔަތުތަކެއް ދެމުންނެވެ.

Leave a Reply