ރާއްޖޭގެ ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަން ސަރުކާރުގެ އިދާރާތަކާ ސީދާ މުއާމަލާތްކުރެވޭ ގޮތް ހަދަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ މާމިގިއްޔަށް ވަޑައިގެން އެ ރަށުގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު ރަށް ރަށުގައި ހުންނަ ސިއްހީ މަރުކަޒުތަކަށް ބޭސް ފޯރުކޮށްދެނީ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ކަމަށެވެ.

އަދި އޭގެ އިތުރުން ވަޒީފާތައް ނެގުން ފަދަ އެހެނިހެން ކަންކަން ވެސް ކުރަނީ ރީޖަނަލް ނޫނީ އަތޮޅު ހޮސްޕިޓަލުތައް މެދުވެރިކޮށްކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ނިމުމަކަށް ގެންނަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

“ހެލްތު މިނިސްޓްރީއާއި ސީދާ ކޮންމެ ސިއްހީ މަރުކަޒެއް، ކޮންމެ ހޮސްޕިޓަލެއް ސީދާ ސީދަލަށް މުއާމަލާތްކުރެވޭ ގޮތަށް. އަދި ފިނޭންސް މިނިސްޓްރީއާ ގުޅަން ޖެހޭ ކަންކަމުގައި ސީދާ ފިނޭންސް މިނިސްޓްރީއާ، ކޮންމެ ހެލްތު ސެންޓަރެއް ސީދާ ބޭހުގެ ކަންތަކުގައިކަމަށް ވިޔަސް އަދި އެސްޓީއޯއާވިޔަސް ބޭހުގައި އަދި  ބޭހުގައި އެހެން ކަމެއްގައި ވެސް ފިނޭންސް މިނިސްޓްރީއާ ވިޔަސް ސީދާ މުއާމަލާތްކުރެވޭ ގޮތަށް ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމަށްޓަކައި ވަރަށް ގިނަ ކަންކަންކުރަން ޖެހޭ ކަމަށާއި އެގޮތުން ސޮފްޓްވެއާ ތަރައްގީކޮށް މުވައްޒަފުންވެސް ތަމްރީންކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ނިންމުން ތަންފީޒުކުރުމުން މުއާމަލާތްކުރުމުގައި ކަޑައްތުކުރަން ޖެހޭ “ލޭޔަރު” ނުވަތަ ފަށަލަތައް އުނިވެ މުއާމަލާތްކުރުމުގައި ވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.

“އޭގޭ ސަބަބުން ބޭސް ހޯދުމުގައިވެސް ފަސޭހަވެގެންދާނެ. ވަޒީފާތައް އެޕްރޫވްކުރުމުގައި ވެސް ފަސޭހަވެގެންދާނެ. އެހެން ހިދުމަތްތައް އެޕްރޫވްކުރުމުގައި ވެސް ފަސޭހގަވެގެންދާނެ.” ރައީސް ވިދާޅުވި އެވެ.

Leave a Reply