
ހައި އެޗީވާސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ސްޓައިޕެންޑްގެ އިތުރުން 6،000ރުފިޔާގެ އެލަވަންސެއް ދިނުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ނިންމައިފިއެވެ.
މި ބަދަލާ ގުޅޭގޮތުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ފާހަގަކުރެއްވި ގޮތުގައި، މި ފައިސާ ދޫކުރަން ނިންމެވީ ފަޚުރުވެރި ނަތީޖާ ހޯދާ ކުދިން އަމިއްލަ ފަސްގަނޑުގައި ތިބެގެން އިލްމު އުނގެނުމަށް ޝައުޤުވެރިކުރުވުމަށެވެ. މިއަދު އާންމުކުރި އުސޫލާ އެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ހުރުމާއި ކެއުމުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތަކަށް ދޫކުރާ ފައިސާގެ ތަފުސީލުތައް މިހާރު ވަނީ ވުޒާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
މި ސްކޮލަރޝިޕްގެ ފުރުޞަތު ފަހިވަނީ، އޭލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ބައިވެރިވި ފަސް މާއްދާގެ ތެރެއިން (އެސްއެސްސީ ދިވެހި އަދި އިސްލާމް ހިމެނޭހެން)އެއް މާއްދާއިން އޭ ސްޓަރ އަދި ބާކީ ހަތަރު މާއްދާއިން އޭ ގްރޭޑް ހޯދުމުންނެވެ. ހަމައެއާ އެކު، ޝަހާދާ ޘާނަވިއްޔާ ނިންމާ ދަރިވަރުންނަށް ވެސް، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މާއްދާތަކުންނާއި އެޗްއެސްސީ ދިވެހި ނުވަތަ އިސްލާމުން އޭ ސްޓަރއެއްގެ އިތުރުން ދެން ހުރި މާއްދާތަކުން އޭ ގްރޭޑް ލިބުމުން މި ފުރުޞަތު ލިބޭނެއެވެ. މީގެ އިތުރުން، އޯލެވެލް ފެންވަރުގެ އިނގިރޭސި އިމްތިޙާނަކުން މަދުވެގެން ސީ ފާހެއް އޮތުމަކީވެސް ލާޒިމު ކަމެކެވެ.
ސަރުކާރުން މި ސްކޮލަރޝިޕް ދޫކުރަނީ ފުލްޓައިމްކޮށް ކިޔަވާ ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކަށާއި، ތިން ހަތަރު އަހަރުން ނިންމާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކަށެވެ. މީގެ އިތުރުން، މެޑިސިން އަދި ޑެންޓިސްޓްރީ ދާއިރާއިން ކިޔަވާނަމަ ހަ އަހަރު ދުވަހުގެ ޑިގްރީ ކޯސްތަކަށް ވެސް މި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ދަރިވަރުންނަށް ދޭ ސްޓައިޕެންޑް އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މީގެ ކުރިން މަސައްކަތްތަކެއް ކުރި ނަމަވެސް، މީގެ ކުރިން އެކަން އަމަލީ ސިފައެއްގައި ތަންފީޒުކުރެވިފައެއް ނުވެއެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































