ރާއްޖެއާއި އިންޑިއާ ދެމެދު ވިސާއާ ގުޅޭ ކަންކަން ހަރުދަނާކުރަން ދެ ގައުމުގެ ދެމެދު މަޝްވަރާތައް ބާއްވައިފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ބޭއްވި ކޮންސިއުލާ ޑައިލޮގް ގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، ދެ ގައުމު ގުޅިގެން ކޮންސިއުލާ އާއި ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.

އަދި، ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ފާހަގަކުރި އެވެ.

އެ  ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާއެވެ. އަދި އިންޑިއާ އިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖްއެވެ.

އެ ބައްދަލުވުމުގައި ރާއްޖޭއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ޚާރިޖީ ވުޒާރާ އަދި ޑިފެންސް މިނިސްޓްރީގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިންޑިއާ – ރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ގާއިމްކުރީ ދެ ގައުމުގެ ކޮންސިއުލާ މައްސަލަތަކާ، ވިސާއާ ގުޅޭ ކަންތައްތަކުގެ އިތުރުން، ކޮންސިއުލާ ކަންކަމުގެ ގާނޫނީ އެހީ ދެފަރާތުން ހޯދުމަށް މަގުފަހިވާ ގޮތަށް، ކޮންސިއުލާ އާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަގުސަދުގައި 2017 ވަނަ އަހަރުއެވެ.

އަދި 2018 ވަނަ އަހަރު ކޮންސިއުލާ ޑައިލޮގްގެ ދެވަނަ ބައްދަލުވުން ބޭއްވި އެވެ.

Leave a Reply