ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ސުވާލެއް ނޫންކަމަށް ކަނޑައަޅައި، އެ ވޯޓު ހުއްޓުވަންޖެހޭ އެއްވެސް ޝަރުޢީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން މިގޮތަށް ނިންމަވާފައި ވަނީ، ރައްޔިތުންގެ ގާތުން ރައީސުލްޖުމްހޫރިއްޔާ އައްސަވާ ސުވާލުގެ ސަބަބުން ނުކުންނާނެ ނަތީޖާ އޮޅޭކަމަށް ބަޔާންކޮށް، އެ ސުވާލަކީ ބާޠިލު އެއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ދެ ޤާނޫނީ ވަކީލުންކަމުގައިވާ އައިކު އަޙުމަދު އީސާ އަދި އިބްރާހީމް ޝިޔާމްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގައެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވަކާލާތުކޮށްފައި ވަނީ، ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓެއްގައި އަހާނެ ސުވާލެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރީ ބާރެއް ކަމަށާއި، ސުވާލު އޮންނަންޖެހޭ ވަކި ޚާއްޞަ އިބާރާތެއް ޤާނޫނުއަސާސީގައި ނުވަތަ ރިފަރެންޑަމް ޤާނޫނުގައި ވެސް ކަނޑައަޅާފައި ނުވާކަމަށެވެ. މީގެ އިތުރުން، އެ ސުވާލުގެ ސަބަބުން ޤާނޫނުއަސާސީގެ 262ވަނަ މާއްދާގެ (ށ) އާ ޚިލާފުވަނީ ކޮން ގޮތަކުންކަން ސާބިތުކޮށްދިނުމުގައި ދަޢުވާކުރި ފަރާތް ނުކުޅެދިފައިވާކަން ޙުކުމް އިއްވަވަމުން ކޯޓުން ފާހަގަކުރިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވައި ޙުކުމް އިއްވެވި ފަސް ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ. އުއްތަމަ ފަނޑިޔާރު ނެރުއްވި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ ފުރިހަމައަށް ތާއީދުކުރައްވާފައެވެ.

Leave a Reply