ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ބާއްވަވަމުން ގެންދަވާ އަވަށު ބައްދަލުވުންތަކުގެ ކުރިން ސުވާލު ހުށަހަޅަން ޖެހޭ ވާހަކައަކީ ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަވަށު ބައްދަލުވުންތައް ރައީސް ފުރަތަމަ ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހު ވިލިމާލެއިން އެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ މައްޗަށް ގޮޅީގެ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރައްވައިފަ އެވެ.

ނަމަވެސް އެ ބައްދަލުވުންތަކުގެ ކުރިން ސުވާލުތައް ހުށަހަޅަން ޖެހޭކަމަށް ބުނާ ވާހަކަތަކެއް ދަނީ ފެތުރެމުން ނެވެ.

ނަމަވެސް ހީނާ މިއަދު އެކްސްގައި ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެކެވެ.

ހީނާ ވިދާޅުވީ މީގެ ކުރިން ބޭއްވުނު އަވަށު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ހިޔާލާއި ކަންބޮޑުވާކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުސަތު ރައީސް ދެއްވި ކަމަށެވެ.

“އަދި ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ އެއުޞޫލުންނެވެ. އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ.” ހީނާ ވިދާޅުވި އެވެ.

Leave a Reply